ތަޢާރަފް Print
Sunday, 27 December 2009 19:08

ޖިނާއީކޯޓަކީ ކުށްތަކާއިބެހޭ މައްސަލަތައް ބަލާ ކޯޓެވެ. އަދި މީގެ އިތުރުން ޤާނޫނުއަސާސީގައި ބުނާ ކުށުގެ ތުޙުމަތުގައި ހައްޔަރު ކުރެވޭ ނުވަތަ ބަންދުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމުގެ އަމުރާއި، ތަންތަން ބަލާފާސްކުރުމުގެ އަމުރާއި، ހައްޔަރު ކުރުމުގެ އަމުރާއި، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާއި، ފުރައިގެން ދިއުން މަނާކުރުމުގެ އަމު ރާއި، އެކައުން ޓް ފްރީޒް ކުރުމުގެ އަމުރާއި، ލިޔެކިއުމާއި ތަކެތި ހޯދާ ހިފެހެއްޓުމުގެ އަމުރާއި، ހަށިގަނޑުން ނެގޭ ތަކެތީގެ ސާމްޕަލް ނެގުމުގެ އަމުރާއި، ބޭންކްސްޓޭޓްމެންޓް ހޯޑުން ފަދަ އަމުރުތައް ނެރުމުގެ މަސައްކަތް މާލޭގައި ކުރަނީ ޖިނާއީކޯޓުންނެވެ.

---------------------------------------------------------------------------------------------------------------------------------------

ޖިނާއީކޯޓްގެ ތާރީޚް

ޖިނާއީކޯޓް އުފެދުން ބިނާވެގެންވާ ތާރީޚް ކޯޓުގެ ލިޔުންތަކުން ސާފުވެ އެނގެންނެތް ނަމަވެސް މިކޯޓުގެ އުފެދުން ބިނާވެގެންވަނީ މަޙްކަމަތުއް ޝަރުޢިއްޔާ އުފެދުނު ތާރީޚުގެ މައްޗަށެވެ. އެހެނީ ޤާނޫނީގޮތުން ސަރުކާރު ހިންގުމުގެ ބައި ވަކި ދެބައެއްގެ ގޮތުގައި ހިންގަމުންދިޔަ ދުވަސްވަރު މިކޯޓު ހިމެނިފައިވަނީ މަޙްކަމަތުލް ޝަރުޢިއްޔާގެ ބައެއްގެ ގޮތުގައެވެ. މިގޮތުން:

  • 16 ޖޫން 1967 އާއި ހަމައަށް ހިނގަމުން އައިސް، 11 ނޮވެމަބަރ 1968 ގައި މަޙްކަމަތުލް ޝަރުޢިއްޔާ (ނ) ގެ ނަމަށް މިކޯޓުގެ ނަން ބަދަލުކުރައްވާފައިވެއެވެ.

  • 11 ނޮވެމްބަރ 1968 އާއި ހަމައަށް މިކޯޓު ހިނގަމުން އައީ ހއ.އަތޮޅު ފިހާރައިގައެވެ. 14 ނޮވެމްބަރ 1992 ން ފެށިގެން ޖަސްޓީސް ބިލްޑިންގއަށް ކޯޓުތައް ބަދަލުވުމާއި ގުޅިގެން އެތާރީޚުން ފެށިގެން މިކޯޓު ހިނގަމުންދަނީ ޖަސްޓިސް ބިލްޑިންގ ގައެވެ.

  • 11 ނޮވެމްބަރ 1993 ގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ނަމަށް ބަދަލުކުރެއްވުމާއި ގުޅިގެން މިކޯޓު ހިނގަމުން އައީ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ކޯޓްނަމްބަރ 3 ގެ ނަމުގައެވެ.

  • 11 ނޮވެމްބަރ 1996 ގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމަށް ބަދަލުކުރެއްވުމާއި ގުޅިގެން މިކޯޓު ހިނގަމުން އައީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަމްބަރ 3 ގެ ނަމުގައެވެ.

  • 01 އޮގަސްޓް 1997 ގައި މިކޯޓުގެ ނަން ޖިނާއީކޯޓުގެ ނަމަށް ބަދަލުކުރެއްވުމާއި ގުޅިގެން މިކޯޓު މިހާރު ހިނގަމުންދަނީ ޖިނާއީކޯޓުގެ ނަމުގައެވެ.